ފުރަތަމަ ޞަފްޙާ
ނޫރުލްއިސްލާމް
ޖަމްޢިއްޔާގެ ޙަރަކާތްތައް
ނޫސްބަޔާން
އިޢުލާން / ދެންނެވުން
މީޑިއާ
ދީނީ ލިޔުން
އެހެނިހެން
ގުޅުން

Download Fonts

 

 

 

 

 

 
 ނޫރުލްއިސްލާމް  
ނޫރުލްއިސްލާމްގެ ހިންގާ ޤަވާޢިދު

Friday, May 28, 2010
 : 

1.            ޖަމިއްޔާގެ ނަން:  

ދިވެހި ބަހުން:        ނޫރުލްއިސްލާމް

އިނގިރޭސި އަކުރުން:      NOORULISLAM

ޢަރަބި ބަހުން:         نور الإسلام

 

2.            ޖަމިއްޔާގެ ނިޝާން،ކުލަ އަދި މޮޓޯ: 

 

ނިޝާން:

މޮޓޯ:   އިސްލާމްދީނުގެ ނޫރުން ދިވެހި މުޖްތަމަޢު އަލިކުރުމަށް

ކުލަ:   ހުދު ކުލަ

 

3.            އިދާރާ:

ޖަންބުމާގެ، ސ. ހިތަދޫ 

ޖަމްޢިއްޔާގެ އިދާރީ އޮފީސް ހުންނަންޖެހޭނީ ދިވެހިރާއްޖޭގެ ރަށެއްގައެވެ. މިގޮތުން އެއިރެއްގައި އިދާރާ ހުންނަން ޖެހޭތަން ކަނޑައަޅާނީ ހިންގާކޮމެޓީންނެވެ.

 

4.            މަޤްޞަދު: މިޖަމްޢިއްޔާގެ މަޤްޞަދަކީ ދިވެހި ރާއްޖޭގައި އިސްލާމްދީނުގެ ޝިޢާރުތައް ފާޅުކޮށް ދީނުގެ ތަޢުލީމް ފަތުރައި، ދީނާއިމެދު މީހުންގެ މެދުގައި އުފެދިފައިވާ ނޭދެވޭ ފިކުރުތައް ދުރުކޮށް، މުޖުތަމަޢުގެ ތެރޭގައި އޮންނަ ދީނީ ބައިބައިވުންތައް ކުޑަކުރުމަށް މަސައްކަތް ކުރުމާއި، ލާދީނީ ޙަރަކާތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމާއި، އިސްލާމްދީނުގެ އެކިއެކި ކަންކަމާއި، އަދި ދީނާއި ދެކޮޅަށް ހިންގާ ތަފާތު ނޭދެވޭ ޙަރަކާތްތައް ހޯދާބަލައި އެކަންތައްތައް ދިރާސާކޮށް، އެކަމާއި ދެކޮޅަށް ޤާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރުމެވެ.

މީގެ އިތުރަށް މުޖުތަމަޢުގައި އުފެދިފައިވާ ތަފާތު އިޖްތިމާޢީ އަޚްލާޤީ ބަލިތައް ނައްތާލުމަށް މަސައްކަތްކުރުމާއި ދިވެހިންގެ މެދުގައި އިޖްތިމާޢީ ގުޅުން ބަދަހިވާނެ މަގުތައް ހޯދައި ފަހިކޮށްދިނުމަށް މަސައްކަތްކުރުމެވެ. މިޖަމްޢިއްޔާގެ މަސައްކަތްތަކާއި މަޤްޞަދު ޙާޞިލްކުރުމުގައި ރާއްޖޭގެ އެތެރޭގެ ފަރާތްތަކާއި އިތުބާރުހުރި ބޭރުގެ ފަރާތްތަކުގެ އިރްޝާދާއި އެހީގެ ދަށުން އެމަޤްޞަދުތައް ކާމިޔާބު ކުރުވޭނެކަމަށް ފެންނަ އެންމެހައި ޙަރަކާތްތައް ވެވުނު މިންވަރަކުން ހިންގައި އިންސާނީ ޚިދުމަތްތަކާއި ޙަރަކާތްތައް އިތުރުކުރުމެވެ.

މިގޮތުން އަންނަނިވި މަޤްޞަދުތައް އިތުރަށް ފާހަގަ ކޮށްލަމެވެ. އެއީ:

(ހ) އިސްލާމްދީނުގެ ޞައްޙަ ތަޢުލީމު މީހުންގެ މެދުގައި ފެތުރުމަށް، އިތުބާރުހުރި ދީނީ ޢިލްމުވެރިންގެ ލަފައާއި އިރުޝާދާއެކު މަސައްކަތްކުރުން.

(ށ) ދީނީ ގޮތުންނާއި، އިޖްތިމާޢީގޮތުން ޢާއްމު ފަރުދުން ޚާއްސަކޮށް ޒުވާނުންނާއި ކިޔަވާކުދިން ހޭލުންތެރިކުރުމަށް މަސައްކަތްކުރުން.

(ނ) ޘަޤާފީގޮތުންނާއި ދީނީގޮތުން ފަރުދުންނާއި ޖަމާޢަތްތަކަށް ލިބިދޭންޖެހޭ ޙައްޤުތައް ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި އެޙައްޤުތައް ގެއްލިފައިވާ ފަރާތްތަކަށް ޙައްޤު ހޯދައިދިނުމަށް މަސައްކަތް ކުރުން.

(ރ) މަސްތުވާ ތަކެތި ބޭނުންކުރުމާއި ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރުން.

 

5.            މެންބަރުން:

   ޖަމްޢިއްޔާގައި ތިބޭނީ ޢާންމު މެންބަރުންނާއި ޝަރަފުވެރި މެންބަރުންނެވެ.

 

ހ. ޢާންމު މެންބަރުން:

ޖަމްޢިއްޔާގެ ޢާންމު މެންބަރަކަށް ވެވޭނީ ޖަމްޢިއްޔާގެ މެންބަރުކަމަށް އެދި ހުށަހެޅުމުން ޖަމްޢިއްޔާގެ މެންބަރުކަން ދިނުމަށް ޖަމްޢިއްޔާގެ ހިންގާ ކޮމިޓީއިން ކަނޑައަޅާ މީހަކަށެވެ. މިޖަމްޢިއްޔާގެ އުސޫލުތައް ޤަބޫލުކުރާ ކޮންމެ މީހަކަށް މިޖަމްޢިއްޔާގެ މެންބަރަކަށްވުމުގެ ފުރުސަތު ހުޅުވިފައިވެއެވެ.

 

ށ. ޝަރަފުވެރި މެންބަރުން:

ޖަމްޢިއްޔާގެ ޝަރަފުވެރި މެންބަރުކަން ދެވޭނީ އެމީހަކަށް ޖަމްޢިއްޔާގެ ޝަރަފުވެރި މެންބަރުކަން ދިނުމަށް ޖަމްޢިއްޔާގެ ހިންގާ ކޮމިޓީއަށް ފެންނަ މީހުންނަށެވެ.

 

6.            ޙަރަކާތްތައް:

ޖަމްޢިއްޔާގެ މަޤްޞަދުތައް ޙާޞިލު ކުރުމުގެ ގޮތުން ހިންގަންޖެހޭ އެންމެހައި ޙަރަކާތްތައް، ހިންގާކޮމެޓީގެ އަޣްލަބިއްޔަތުން ފާސްކުރުމަށްފަހު ހިންގާ ކޮމެޓީން ކަނޑައަޅާ އުސޫލެއްގެ މަތިން ހިންގިދާނެއެވެ.

 

7.            ހިންގާ ކޮމިޓީ:

   ޖަމްޢިއްޔާ ހިންގާނީ ޖަމްޢިއްޔާގެ ޢާންމު މެންބަރުންގެ ތެރެއިން ތިރީގައިވާ މަޤާމުތަކަށް އިންތިޚާބުކުރެވޭ ހިންގާ ކޮމިޓީއަކުންނެވެ.

 

ހ.  ރައިސް

ށ. ނައިބު ރައީސް

ނ. ސެކްރެޓަރީޖެނެރަލް

ރ. ސެކްރެޓަރީޖެނެރަލްގެ ނައިބު

ބ. ޚަޒާންދާރު

ޅ.  ޚަޒާންދާރުގެ ނައިބު

ކ.  ހިންގާ ސެކްރެޓަރީ

    

 

8.            ހިންގާ ކޮމިޓީގެ މަޤާމްތަކުގެ މަސްއޫލިއްޔަތު:

 

   ހ. ރައީސް:

   ހިންގާކޮމިޓީ އާއި މެންބަރުން ނިންމާގޮތެއްގައި ޖަމްޢިއްޔާ ހިންގުމުގެ ހުރިހާ ކަމެއްގައި އެންމެއިސްކޮށް ހަރަކާތްތެރިވާނީ ޖަމްޢިއްޔާގެ ރައީސްއެވެ.

 

ށ. ނައިބު ރައީސް:

   ނައިބު ރައީސަކީ ރައީސް ނެތްޙާލަތެއްގައި ރައީސްގެ މަޤާމު އަދާކުރަން ހުންނަ، ރައީސްގެ ބަދަލެވެ. އޭގެ އިތުރުން ރައީސްގެ މަސްއޫލިއްޔަތްތަކުގެ  ތެރެއިން ރައީސް ޙަވާލުކުރާ ކަންތައްތައްވެސް ނައިބު ރައީސްގެ ޒިއްމާގައި އޮންނާނެއެވެ.

  

   ނ. ސެކްރެޓަރީޖެނެރަލް

(ހ) ސެކްރެޓަރީޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ޖަމްޢިއްޔާގެ ރައީސްގެ އިރުޝާދުގެ ދަށުން ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައް ހިންގުން.  

(ށ) ޖަމްޢިއްޔާގެ ޢާންމު ޖަލްސާތަކާއި ހިންގާކޮމިޓީގެ ޖަލްސާތަކަށް ނޯޓިސް ފޮނުވުމާއި މެންބަރުންނަށް އެކަންކަމަށް އެންގުމުގެ އިންތިޒާމު، އަދި ޖަމްޢިއްޔާގެ ޙަރަކާތްތައް ތަންފީޒުކުރުމުގައި އެއްބާރުލުން ދޭންޖެހޭ ފަރާތްތަކަށް އެއްބާރުލުން ދީގެން ކުރިއަށް ގެންދިއުން.

 

ރ. ސެކްރެޓަރީޖެނެރަލްގެ ނައިބު

   ސެކްރެޓަރީޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދިނުން.

 

   ބ. ޚަޒާންދާރު

   މެންބަރުން އަތުން ގަވާއިދުން ޗަންދާ ހޯދުމާއި ހިންގާކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ޖަމްޢިއްޔާގެ ބަޖެޓް ތައްޔާރުކުރުމާއި ޖަމްޢިއްޔާގެ ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އިސްކޮށް ހަރަކާތްތެރިވުމާއި ޖަމްޢިއްޔާގެ ހިސާބާއި ފައިސާ އާއި މުދަލާއި ބެހޭ ލިއެކިއުން އަދި ޖަމްޢިއްޔާގެ ބޭންކް އެކައުންޓްތައް ބެލެހެއްޓުމަކީ ޚަޒާންދާރުގެ މަސްޢޫލިއްޔަތެކެވެ. އަދި ހިންގާ ކޮމެޓީ އިން އެދިއްޖެ ކޮންމެ ހިނދަކު ޖަމިއްޔާގެ މާލީ ހާލަތު ހާމަކުރެވޭ ގޮތަށް ދުވަހުންދުވަހަށް އަޕްޑޭޓް ކުރެވޭ މަޢުލޫމާތު އަތްފޯރާފަށުގައި ބެހެއްޓެންވާނެއެވެ.

 

   ޅ. ޚަޒާންދާރުގެ ނައިބު

   ޚަޒާންދާރުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދިނުން.

 

   ކ. ހިންގާ ސެކްރެޓަރީ:

    ޖަމްޢިއްޔާގެ މަޤްސަދުތައް ޙާސިލުކުރުމަށްޓަކައި ހިންގާކޮމެޓީން ނިންމާ ކަންކަން ތަންފީޒުކުރުން.

 

9.            ހިންގާ ކޮމިޓީގެ ބާރު:

(ހ)    ޖަމްޢިއްޔާއިން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައްކޮށް ޖަމްޢިއްޔާގެ ހިންގާ ގަވާއިދާއި، ޢާންމު  ޖަލްސާއިން ނިންމާ ކަންތައްތަކާއި އެއްގޮތްވާ ގޮތުގެމަތީން ޖަމްޢިއްޔާ ހިންގާނީ ހިންގާ ކޮމިޓީއިންނެވެ.

(ށ)   މަދުވެގެން ކޮންމެއަހަރަކު 4 ފަހަރު ހިންގާކޮމިޓީގެ ޖަލްސާ ބާއްވަން ވާނެއެވެ.

(ނ)   ޖަމްޢިއްޔާގެ ރައީސަށް ފެނިއްޖެ ޙާލަތެއްގައި ނުވަތަ މަދުވެގެން ހިންގާ ކޮމިޓީގެ އަޣުލަބިއްޔަތަށްވުރެ އިތުރު މެންބަރުން އެދިއްޖެ ހިނދެއްގައި ނުވަތަ ޖަމިއްޔާގެ މަސްއޫލުވެރިން އެދިއްޖެ ހިނދެއްގައި ހިންގާކޮމިޓީގެ ޖަލްސާއެއް ބޭއްވިދާނެއެވެ.

 

10.        ރިޔާސަތު ބެލެހެއްޓުން:

   ޖަމްޢިއްޔާގެ ޢާންމު ޖަލްސާތަކާއި ހިންގާ ކޮމިޓީގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ޖަމްޢިއްޔާގެ ރައީސެވެ. ރައީސަށް ޙާޟިރުނުވެވިއްޖެ ޙާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ނައިބުރައީސެވެ. އަދި އޭނާވެސް ނެތިއްޖެ ޙާލަތެއްގައި އެ ޖަލްސާއަކަށް ޙާޟިރުވި މެންބަރުން އެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ މީހެކެވެ.

 

11.        ނިޝާން، ދިދަ، ކުލަ އަދި މޮޓޯ ބަދަލުކުރުވޭ ގޮތް:

ޖަމްޢިއްޔާގެ ނިޝާން، ދިދަ، ކުލަ ނުވަތަ މޮޓޯގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭ ތަކެއްޗަށް ބަދަލު ގެނެވޭނީ، ޖަމްޢިއްޔާގެ ޢާންމު ޖަލްސާގެ އަޣުލަބިއްޔަތުން ފާސްކޮށް ރަޖިސްޓްރާގެ ހުއްދަ ލިބިގެންނެވެ.

 

12.        ޖަމިއްޔާ ހިންގުމަށާއި، ޖަމިއްޔާގެ ޙަރަކާތްތައް ހިންގުމަށް ފައިސާ ހޯދާނެ ގޮތް:

(ހ) އެކިއެކި ފަރާތްތަކުން ދެއްވާ އެހީގެ ފައިސާއިން

(ށ) ޖަމިއްޔާގެ ފަރާތުން ހިންގާ އެކިއެކި ޙަރަކާތްތަކުން ލިބޭ ފައިސާއިން

 

13.        ފައިސާގެ ހިސާބު ބެލެހެއްޓުން:

ޖަމްޢިއްޔާއަށް ލިބޭ އާމްދަނި އާއި ކުރެވޭ ޚަރަދުގެ ހިސާބާއި މާލީ އެންމެހައި ކަންތައްތައް ހިންގާ ކޮމިޓީއިން ކަނޑައަޅާ ގޮތެއްގެ މަތީން ބަލަހައްޓާނީ ޚަޒާންދާރެވެ.

 

14.        ޖަމްޢިއްޔާގެ ދަރަނި:

ޖަމްޢިއްޔާއަށް އެއްވެސް ދަރަންޏެއް ނުވަތަ އެފަދަ ޒިންމާއެއް ނެގޭނީ، ހިންގާ ކޮމިޓީން ފާސްކޮށް އެދަރަންޏެއް އަދާކުރާނެގޮތް ކަނޑައަޅައި ހަމަޖެއްސުމަށްފަހު، މިގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

 

15.        ޖަމްޢިއްޔާ އުވާލެވޭ ޙާލަތުގައި ދަރަނި އަދާކުރުން:

(ހ)    ޖަމްޢިއްޔާ އުވާލެވޭ ޙާލަތެއްގައި ޖަމްޢިއްޔާގެ ދަރަނިތަކާއި ޒިންމާތައް އަދާކުރާނީ ޖަމްޢިއްޔާގެ މިލްކުގައި ހުރި މުދަލާއި ފައިސާއިންނެވެ.

(ށ)   ޖަމްޢިއްޔާ އުވާލަން ޖެހިއްޖެކަމަށް ކަނޑައަޅައިފި ހާލަތެއްގައި، ޖަމްޢިއްޔާގައި ހުރި ފައިސާ އާއި ޖަމްޢިއްޔާއަށް ލިބެންޖެހޭ ފައިސާ ހޯދައިގެން، ދަރަނި އަދާކުރުމަށް ހިންގާކޮމިޓީން ބާރުއަޅަންވާނެއެވެ.

(ނ)   ޖަމްޢިއްޔާ އުވާލެވޭ ޙާލަތެއްގައި، ޖަމްޢިއްޔާގެ ދަރަނިތަކާއި ޒިންމާތައް އަދާކުރުމަށްފަހު، ޖަމްޢިއްޔާގެ މިލްކުގައި އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ހުރިނަމަ، އެ މުދަލެއް ނުވަތަ ފައިސާއެއްގެ މިލްކުވެރިކަން، ހިލޭސާބަހަށް އިސްލާމްދީނަށްޓަކައި މަސައްކަތްކުރާ ޖަމްޢިއްޔާއަކަށް ނުވަތަ ސަރުކާރު ޤަބޫލުކުރާ ޚައިރާތު ފަންޑަކަށް ބަދަލު ކުރަންވާނެއެވެ.

(ރ)   ޖަމްޢިއްޔާގެ މުދަލާއި ފައިސާއިން ޖަމްޢިއްޔާގެ ދަރަނިތަކާއި ޒިންމާތައް އަދާ ނުކުރެވޭނަމަ، އެމައްސަލަ ކޯޓަށް ހުށަހަޅާ ދަރަނި އަދާކުރުމާ ބެހޭގޮތުން ކޯޓުން ކަނޑައަޅާ ގޮތަކަށް ޢަމަލުކުރާނީއެވެ.

 

16.        ޖަމްޢިއްޔާގެ ޢާމްދަނީ އާއި މުދަލާއި ފައިސާ:

(ހ) ޖަމްޢިއްޔާގެ ޢާމްދަނީ އާ މުދަލަކީ ޖަމްޢިއްޔާގެ މެންބަރުންނާއި ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުންގެ މެދުގައި ބަހާލެވޭ އެއްޗެއް ނޫނެވެ. ޖަމްޢިއްޔާ އުވާލަން ވެއްޖެ ޙާލަތެއްގައި ޖަމްޢިއްޔާ އުވާލަން ޢާއްމު މެންބަރުންގެ ޖަލްސާއިން ފާސްވުމަށްފަހު ޖަމްޢިއްޔާގެ ފައިސާއާ މުދަލާމެދު ހަދަންވާ ގޮތް އެޢާއްމު ޖަލްސާއިން ނިންމަންވާނެއެވެ.

(ށ) މިޖަމްޢިއްޔާގެ ފައިސާއާއި މުދަލަކީ މުއައްސިސުން އަދި ހިންގާކޮމެޓީގެ މެންބަރުންގެ މިލްކެއް ނޫނެވެ.

 

17.        ޖަމްޢިއްޔާ އުވާލުން:

މި ޖަމްޢިއްޔާ އުވާލެވޭނީ ޖަމްޢިއްޔާގެ ޢާންމު މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައި ޙާޟިރުވާ ޢާންމު ޖަލްސާގެ 3 / 2 (ތިންބައިކުޅަ ދެބައި)ގެ އަޣުލަބިއްޔަތު ލިބި އެކަން މިނިސްޓްރީ އޮފް ހޯމްއެފެއަރޒްއިން އެކަން ޤަބޫލުކުރުމުންނެވެ. ނުވަތަ ސަރުކަރުން ޖަމްޢިއްޔާ އުވައިލުމަށް ކަނޑައެޅުމުންނެވެ. ޖަމްޢިއްޔާ އުވާލުމަށް ކަނޑައެޅުމުން ޢަމަލުކުރާނީ ޖަމްޢިއްޔާތަކާއިބެހޭ ޤާނޫނުގެ 31 ވަނަ މާއްދާގައިވާގޮތަށެވެ.

 

18.        މަސްއޫލުމެމްބަރުން:   

1-     މުޙައްމަދު އަނީލް، ޖަންބުމާގެ، ސ.ހިތަދޫ

2-      އިބްރާހީމް ޝަމީލް، ޖަންބުމާގެ، ސ.ހިތަދޫ

 


[މިހާތަނަށް މި ޞަފްޙާ ބަލާފައިވަނީ 2798 ފަހަރު]



މިއީ ނޫރުލްއިސްލާމްގެ ރަސްމީ ވެބްސައިޓެވެ. މި ވެބްސައިޓުގައި ހިމެނޭ ޖަމްޢިއްޔާގެ އިދާރީ ލިޔުމެއް، ޖަމްޢިއްޔާގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ބޭނުން ކުރުމަކީ ކުށެކެވެ.
ވެބްސައިޓް ފަރުމާކުރީ: މުޙައްމަދު އަނީލް