ދިނީ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދަން ބޭނުންވާ އައްޑޫގެ ހުރިހާ އާއިލާތަކަށް ދީނީ އިލްމުވެރިން ހަމަޖައްސައިދިނުމުގެ ޕްރޮގްރާމެއް ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ އިން ފަށައިފި އެވެ.
"ދިނީ އިލްމުވެރިންނާ އެކު ދޮރުން ދޮރަށް، އިސްލާމް ދީނުގެ ދައުވަތާއިގެން" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގެ ހުރިހާ ރަށެއްގެ އާއިލާތަކަށް އިއްޔެ ރަސްމީކޮށް ހުޅުވާލުމާ އެކު ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ނޫރުލް އިސްލާމުން ބުންޏެވެ.
އެ ޖަމިއްޔާގެ ރައީސް ޝެއިހް މުހައްމަދު އަނީލް މިއަދު ވިދާޅުވީ މި ޕްރޮގްރާމްގައި މިހާރު ޖުމްލަ 12 ވަރަކަށް ދީނީ އިލްމުވެރިން އެބަ ތިއްބެވި ކަމަށެވެ. އަދި އިތުރަށް ވެސް އިލްމުވެރިން ޖަމިއްޔާ އާ ގުޅިވަޑައިގަންނަވަމުން ގެންދަވާތީ އައްޑޫގެ މިހާރު އޮތް އާބާދީ އަށް ދީނީ މައުލޫމާތު ފޯރުކޮށް ދެވޭ ވަރުގެ ގާބިލްކަން ހުރިކަން ފާހަގަ ކުރެއްވި އެވެ.
އަނީލް ވިދާޅުވީ އައްޑޫގައި އަލަށް މި ފެށި ޕްރޮގްރާމްގައި އެ އާއިލާއަކުން ބޭނުންވާ ދީނީ އިލްމުވެރިކު ނޫރުލް އިސްލާމަށް ރެކްއެސްޓް ކުރުމުން، އެ އާއިލާއަކަށް ހާއްސަކޮށް ހަމަޖައްސައިދޭ އިލްމުވެރިޔާ ގޭގެ އަށް ވަޑައިގެން ދިނީ ނަސޭހަތް ދެއްވާނެ ކަމަށެވެ.
"މިފަދަ ކަމެއް އަޅުގަނޑުމެން ހަގީގަތުގައި މި ފެށީ ގިނަ ބަޔަކު މިފަދަ ކަމަކަށް ވަރަށް ބޮޑަށް ބޭނުންވެފައި ތިބުމުން. އަނެއްކާ ދީނީ ގޮތުން އޮޅުންފިލުވަން ބޭނުންވާ ކޮންމެ މައުލޫމާތެއް ވަރަށް މިނިވަންކަމާ އެކު، އާއިލާތަކުގެ މީހުންނަށް އިލްމުވެރިންގެ ފަރާތުން ސާފު ކުރެވޭނެ،" މިހާރު ވެސް ވަރަށް ގިނަ ދީނީ ޕްރޮގްރާމްތައް ހިންގަމުން އަންނަ ޖަމިއްޔާގެ ރައީސް އަނީލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އުންމީދު ކުރަނީ މިކަމަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް. އިއްޔެ އަޅުގަނޑުމެން މިކަން އިއުލާން ކުރި ހިސާބުން ވެސް ވަރަށް ގިނަ ރެކްއެސްޓްތައް އެބަ އާދޭ."
ނޫރުލް އިސްލާމުން ބުނީ އާއިލާތަކަށް ދިނީ އިލްމުވެރިން ހަމަޖައްސައިދޭ ޕްރޮގްރާމަކީ ހުއްޓުމެއް ނެތި އައްޑޫގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެއް ކަމަށެވެ.
ނޯޓް: މިޕްރޮގްރާމްގެ ދަށުން ޢިލްމުވެރިން ހަމަޖެއްސުމަށް މި ޖަމްޢިއްޔާގެ ނަންބަރު 9162668 ނުވަތަ 7676446 އަށް ގުޅުއްވުން އެދެމެވެ.